މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އުމުރުން 31 އަހަރުގެ އަޙްމަދު ނާޡިމްއާއި، ރ. މަޑުއްވަރި / މުޝްތަރީގެ، އިމިރުން 42 އަހަރުގެ ޙުސައިން ޞަބާޙް ގެ އިތުރުން ރ. މަޑުއްވަރި / ސްޓާރލައިން، އުމުރުން 32 އަހަރުގެ ޢާއިޝަތު ނަޝާޔާ އެވެ.

މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ މި ހިދުމަތަށް ހުށަހަޅާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެވިފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޡިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޙުސައިން ޞަބާޙް 30 ދުވަހަށް އަދި ޢާއިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.