ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޔޫތުހަބްގެ ހޯލުގައި ކުރިއަށްދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމުގައެވެ.

އެހެންކަމުން، އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާ ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

" ދިވެހި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިއީ ސިއްހީ ގޮތުން ބަލާ ބެލުމުގެ އިތުރަށް ދީނީ ގޮތުންވެސް އިތުރު ބެލުން ތަކެއް ބަލަން ޖެހޭ ކަމެއް. ސަބަބަކީ ނަފްސާނީ ރޫހާނީ ހިންހަމަ ޖެހުމަކީ އަޅާއާއި، ﷲ އާއި ދެމެދު ގުޅުން ބަދަހި ވާވަރަކަށް އެކަމަށް ލުއިކަން ލިބި ހިތްފަސޭހަކަން ލިބޭ ކަމެއް. ކަން މިހެން އޮތް އިރު ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްސަލަ އަކީ ބޮޑެތި މީހުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކަންބޮޑު ވާމައްސަލަ އެއް. "

އަނބިކަނބަލުން ސާޖިދާ މުޙައްމަދު

މެޑަމް ސަޖިދާ ވަނީ، ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ހިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް، އެކަމަނާ ޒުވާނުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ޤާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން،ސާޖިދާ ވިދާޅުވީ، އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއަކަށް ވާންވާނީ، ހުރިހާ ކުދިންގެ ރައްކާތެރިކަން ކަމަށާއި، އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކުވެސް، ހިތްވަރު ލިބިގެން އެހީއަށް އެދުމުން އޭނާއަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކި، އިންސާފު ލިބޭނޭކަން ޔަގީންކޮށްދޭން ޖެހޭނެ ކަމުގައެވެ. އަދި ޒުވާނުންނަކީ، މި ގައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި، އީޖާދީ ވިސްނުމާއެކު ގައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.