މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑިޝަރީ ކޮމިޓީން ދީފައިވާ އިރުޝާދަކީ، ޤާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ގާނޫނީ ވަކީލު އަދި ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ބާ އިމްތިހާނުތަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނައި އައު ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށް ލަފާދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
ޖުޑީޝަރީ ކޮމިޓީން ވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށާއި، އައު އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ބެޗްތަކުގެ ދަރިވަރުންނަށް އެކަނި ކަމަށް ކަނޑައެޅުމަށް ބާ ކައުންސިލަށް ލަފާދިނުމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، މަތީ ފެންވަރުގެ ގާނޫނީ ތަޢުލީމަކަށް އުންމީދުކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ.
ބާ ކައުންސިލަކީ ގާނޫނުން މިނިވަންކަމާއެކު އަމިއްލައަށް ހިންގުމުގެ އިޚްތިޔާރު ދީފައިވާ މުއައްސަސާއެއް ކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ގާނޫނީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށާއި، މި ފަންނަށް ވަންނަ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް އަމުރުކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިގެން ނުވާނެ ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުމާއެކު، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ކައުންސިލްގެ އެންމެ ފުރަތަމަ ރައީސްގެ މަގާމަށް މައުމޫން ހަމީދު އިންތިހާބުވެވަޑައިގެން، 2019 އިން 2022 ވަނަ އަހަރަށް އެ މަގާމު ފުރުއްވިއެވެ.