2027 ވަނަ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްވެފައިނެތް ރަށްރަށުގައި އެ ނިޒާމުތައް ޤާއިމްކޮށް ނިންމުމަށްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ކުނަހަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ވަރަށް ބައިވަރު ފެނާއި ނަރުދަމާއި މަޝްރޫއުތައް ފެށި ހުއްޓިފަ ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފެނަކާއި ހަވާލު ކޮށްފަހުރި ފެނަކައިން އެހެން ފަރާތްތަކާއި ސަބްކޮންރެކްޓްކޮށްފައި އެޑްވާންސް ފައިސާވެސް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް، މަސައްކަތުގެ ވަރަށް ކުޑަ އިންސައްތަ ހިންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، އެ ކުންފުނިތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން އެ ކޮންޓްރެކްޓުތައް ބާތިލުކޮށް އެމްޑަބްލިޔުއެސްސީއާ އެ މަސައްކަތް ހަވާލުކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުނަހަންދޫ ފަދަ ހައްސާސް މައްސަލަތައް ހުރި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ވަކިން އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި، ރައްޔިތުންނަށް އެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 43 ރަށުގައި ފެނުގެ ނިޒާމު ޤާއިމްވެފައި ނެތްކަމަށާއި 33 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމްވެފައި ނެތްކަމަށާއި އަންނަ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތްކުރާ ޑުޕްލެކްސް ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް އެކުންފުންޏާ ވާހަކަ ދައްކައިގެން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައެއް ކުންފުނިތަކަށް އެހީވެރިވެދީގެން ނުނިމި ހުރި މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.