އެމެރިކާގެ ކަނޑުގެ ބްލޮކޭޑް މުގުރާލުމަށްޓަކައި އިރާނުން ބޮޑު ތެޔޮ ޓޭންކަރު ކޮންވޯއެއް ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު މީޑިއާގެ ވާހަކަތަކެއް ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ތެޔޮ ޓޭންކަރުތަކަށް ތެޔޮ ބަރުކޮށްގެން ބްލޮކޭޑް މުގުރާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިސްމާޢީލް ބަޤާއީ ވިދާޅުވީ، އދ.ގެ ޗާޓަރުގެ 2(4) ވަނަ މާއްދާއާ ޚިލާފަށް އެމެރިކާއިން އަޅާފައިވާ ޤާނޫނާ ޚިލާފު ފިޔަވަޅުތަކާ ދެކޮޅަށް ކޮންމެ ވަސީލަތެއް ބޭނުންކުރުމުގެ ޙައްޤު އިރާނަށް ލިބިގެންވާ ކަމަށެވެ.

އެފަދަ ޢުދުވާނީ ޢަމަލުތަކާ ދެކޮޅަށް އިރާނަށް ލިބިފައިވާ ވަސީލަތްތަކާއި އުކުޅުތައް އެންމެ މަތީ ފެންވަރުގައި ބޭނުންކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިޔާސީ އަދި އަސްކަރީ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޓޭންކަރު ކޮންވޯއާ ބެހޭގޮތުން ފެތުރިފައިވާ ޚަބަރަކީ ހަގީގަތާއި ޚިލާފު ހަމައެކަނި މީޑިއާގައި ދެކެވޭ ވާހަކަތަކެއް ކަމަށް ތަރުޖަމާނު ސާފުކޮށްދެއްވިއެވެ.

އިރާނުގެ ތެޔޮ ޓޭންކަރުތައް ފައްތާލާނެ ކަމަށާއި އިތުރަށް ޙަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ބަޤާއީ ވިދާޅުވީ، އެމެރިކާގެ އިންޒާރުތަކަކީ އާ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި ވެސް އިރާނުން މިފަދަ އިންޒާރުތަކާ ކުރިމަތިލަމުންދާ ކަމަށާއި ވޮޝިންޓަނުން ދުވަހުން ދުވަހަށް މިފަދަ އިންޒާރުތައް ދެމުންދާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިރާނުގެ ރައްޔިތުން އެމެރިކާގެ އެފަދަ އިންޒާރުތަކަށް ބިރުން ޤައުމާއި ޙައްޤުތައް ދޫކޮށްނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެން މި ތިބީ ހައްޤު ގޮތުގައިކަން،"

އިސްމާޢިލް ބަޤާއީ

ތަރުޖަމާނު ބަޤާއީ މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ކަނޑުގެ ބްލޮކޭޑާ ކުރިމަތިލުމަށްޓަކައި އިރާނުން 14 އަށްވުރެ ގިނަ ތެޔޮ ޓޭންކަރު ތައްޔާރުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ. ސެޓެލައިޓް ފޮޓޯތަކާއި އުޅަނދުތައް ދެނެގަންނަ ޑޭޓާއާ ހަވާލާދީ އެ ރިޕޯޓްތަކުގައި ބުނެފައިވަނީ، އޮމާން ކަނޑާ ދިމާލަށް ދަތުރެއް ފެށުމުގެ ކުރިން، އިރާނުގެ ކުރޫޑް އޮއިލް އެކްސްޕޯޓްކުރާ މައިގަނޑު މަރުކަޒެއް ކަމަށްވާ ޚަރްގް އައިލެންޑް ކައިރިއަށް އެ ޓޭންކަރުތައް އެއްވަމުންދާ ކަމަށެވެ.