ގިނަ ބަނދަރުގެ މަޝްރޫއުތައް ހުއްޓިފައިވަނީ ހިލަ ލިބުމުގައި ހުރިދަތިކަމުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި އަޅާ ހިރިމަރަދޫ ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ އަމަލީ މަސައްކަތް މަށާފައިނުވާ ކަމަށާއި، ނާވައިދޫގެ ނަރުދަމާގެ މަސައްކަތް ބޭރުން ކުރަން ނުފެށޭ ކަމަށާއި، ނައިވާދޫގެ ބަނދަރު ހުއްޓިފައިވާ ކަން ފާހަގަކޮށް، ފިނޭގެ ބަނދަރުވެސް ހުއްޓިފައިވާ ކަމަށާއި ހަނިމާދޫގެ ބަނދަރު ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ހިރިމަރަދޫގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލްއިން އެކަން ހުއްޓުވުމަށްޓަކައި ކުރި މަސައްކަތް މެންބަރަށްވެސް އިނގި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ، ކައުންސިލްގެ އެހީތެރިކަމާއި ނުލާ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތާއި އަމަލީ މަސައްކަތް ފެށުމަށް ތަކެތި ގެންދެވިފައިވާ ކަމަށެވެ.

މެންބަރުގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެންހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެންހެން މުޅި ދުނިޔޭގައި އެކި ތަންތަނުގައި ހަނގުރާމަ ކޮށް މިކަން.. އެއްޗެހި އަގުބޮޑުވުމާއި، މިކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަދައްކަވާއިރު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

މެންބަރު ވިދާޅުވީ ދަތިތަކާއި އެކުވެސް އެކި ގޮތްގޮތައް ހައްލުތައް ހޯދައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ހިލަ ލިބުމުން ވަރަށް އަވަހަށް ނިންމޭނެ ވަރަށް ބައިވަރު ޕްރޮޖެކްޓް އެބަ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ފާސްކޮށްފައިއެވެ.

ފެނާއި ނަރުދަމާގެ ޤާނޫނުގައި ކުރިން އޮތްގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ. މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ. އެހެންކަމުން ޤާނޫނުގައި ބުނާ 5 އަހަރު ދުވަހުގެ މުއްދަތު މިއަހަރަށް ހަމަވާނެއެވެ.