ކުރިން ފަށާފައިވާ ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮން ދަރިކަމުގައި ހަދާ އެއްކައިރި ކޮށްލުމުގެ ބަދަލުގައި، މި ސަރުކާރުގެ ވެސް އަމިއްލަ ޕްރޮޖެކްޓްތަކެއް ކަމުގައި ދެކިގެން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެއްވި ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރު ކުރައްވާ، މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވަނީ ބަޖެޓުން 258.5 މިލިޔަންއިން 163.3 މިލިޔަންއަށް މިފަހަރު ބަޖެޓު ދަށްވެފައިވާ ކަން ފާހަގަކުރައްވާ، އެއީ 37 އިންސައްތައިގެ ދަށްވުމެއް ކަމަށް ވިދާޅުވެފައެވެ. އެ ލާރި ދައްވެފައިވުމުން ނަރުދަމާގެ މަސައްކަތް ކުރަނީ ކިހިނެއްތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ވަޒީރު މުއްތަލިބު ވިދާޅުވީ، މި ސަރުކާރު އައިރު ފެށިފައި ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި އަންނަ އަހަރުގެ ބަޖެޓު ކުޑަވެފައިވީ ނަމަވެސް، އަންނަ އަހަރުގައި އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓު ފަރުމާ ކުރެވިފައިވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އަދި ކުރިން ވެސް ރާވާފައިވާ ގޮތަށް މަޝްރޫއުތައް ނިންމުމަށް ފަސޭހަވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.