މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންނެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮންނަ ކަމަށް ފުލުހުން ބުނެއެވެ.
ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުން ކަމަށާއި، ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަން ފަށާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދޭ ކަމަށާއި، މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅައި ކަމަށެވެ.
ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެނީ ކަމަށާއި، ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.
އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ޙީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމުގެ ސަބަބުން ބައެއް ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި:
އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުމަށް ހުރަސްއެޅުން (ރެސްޓްރިކްޓް ކުރުން).
- ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން.
- މާލީ ގެއްލުންތަކާއި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ ފުރުސަތު އޮތުން.ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި ތަހުގީގު ހިންގުން.
- ހާލަތާއި އެކަމުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން.
- ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުންގެ ފަރާތުން ފައިސާ ގަބޫލުކުރުމަށާއި، ޓްރާންސްފަރ ކުރުމަށް ނުވަތަ ނަގުދު ފައިސާ ނެގުމަށް ތިޔަބޭފުޅާގެ އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާށެވެ.
- ގަބޫލުކުރާނީ ހަމައެކަނި ދަތުރުގެ ސައްހަ އަގާއި، ޑެލިވަރީ ޗާޖު ނުވަތަ ފޯރުކޮށްދޭ ޚިދުމަތާ ގުޅުންހުރި ފައިސާ އެކަންޏެވެ.
- އިތުރު ފައިސާ ނުވަތަ އިނާމެއް ދޭނެ ކަމަށް ބުނި ކަމުގައި ވިޔަސް، އެކައުންޓުން ފައިސާ ނަގައިގެން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރުމަށް އެދޭ އެދުންތަކަށް އިންކާރުކުރާށެވެ.
- ވީހާވެސް ބޮޑަކަށް މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ހިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބަހައްޓާށެވެ.
- ފައިސާގެ މުއާމަލާތެއް ކޮށްދިނުމުގެ ބަދަލުގައި އާންމު އުސޫލާ ހިލާފަށް ގިނައިން ފައިސާ، ހަދިޔާ ނުވަތަ ޓިޕްސް ދޭން ހުށަހަޅާނަމަ އެކަމާ މެދު ޝާއްކުގެ ނަޒަރަކުންބަލައި ސަމާލުވާށެވެ.
- ބޭންކިންގ މަޢުލޫމާތާއި، ޕާސްވޯޑްތަކާއި، ޕިން އަދި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އެއްވެސް ފަރާތަކާ ހިއްސާނުކުރާށެވެ.
- ޝައްކުކުރެވޭ ފަދަ ބުކިންގތަކާއި، ޑެލިވަރީ ރިކުއެސްޓްތައް އަދި ފައިސާގެ މުއާމަލާތްތަކާ ގުޅޭ ކަންކަން ކަމާބެހޭ ޕްލެޓްފޯމް ހިންގާ ފަރާތަށާއި ފުލުހުންނަށް ރިޕޯޓުކުރާށެވެ.
ތިޔަބޭފުޅާގެ އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި، ހަރަދުކުރުމާއި، އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރައްވާ، ވަގުތުން ތިޔަބޭފުޅާގެ ބޭންކަށާއި ފުލުހުންނަށް އެކަން އަންގަވައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލުތައް އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރިކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައިޑް-ހެއިލިންގ އަދި ޑެލިވަރީގެ ޚިދުމަތްތަކަކީ އާމްދަނީ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ. ކުށްވެރިންގެ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް މަގުފަހިކުރުމަށްޓަކައި، ތިޔަބޭފުޅުންގެ އިތުބާރާއި، މާލީ ހާލަތު ނުވަތަ އިތުރު އާމްދަނީއެއް ހޯދުމަށް އޮންނަ ޝައުގުވެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފުރުސަތެއް ނުދެއްވާށެވެ.
ތިޔަބޭފުޅާގެ ބޭންކް އެކައުންޓަކީ ތިޔަބޭފުޅާގެ ޒިންމާއެކެވެ. އެހެން މީހެއްގެ މުއާމަލާތެއްގެ ސަބަބުން ތިޔަބޭފުޅާއަށް ގާނޫނީ އަދި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދެއްވާށެވެ.
ފާރަވެރިވެ ތިއްބަވައި، ތިޔަބޭފުޅުންގެ މާލީ ވަސީލަތްތައް ރައްކާތެރިކުރައްވާށެވެ. އަދި ޝައްކުކުރެވޭ ފަދަ އަމަލުތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރައްވާށެވެ.