ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އެ ތަކެތި ގެނައީ ކޮން ބައެއްތޯ ބެލުމަށް ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އިސްމާއިލް ނަސީރު އަދި މުހައްމަދު ޒިޔާދު ކިޔާ މީހެކެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި ތިން ލަގެޖުގެ މުދަލުގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާއި ގުޅިގެން ކަމަށްވެސް އެ އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އެ ތިން ލަގެޖުގެ ތެރެއިން ކޮންމެ ދާގީނާއަކުން ވެސް 3.51 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.
އިސްމާއީލް ނަސީރާއި މުހައްމަދު ޒިޔާދު ސައިކަލެއްގައި އައިސް، އޭގެ ތެރެއިން އެއް ލަގެޖު ހިފައިގެން އިސްމާއީލް ނަސީރު ދިޔުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އެ ވަގުތު މުހައްމަދު ޒިޔާދު ދުރުގައި ބަލަހައްޓައިގެން ހުރިކަން ފުލުހުންނަށް ފާހަގަކުރެވިގެން، ފުލުހުން ވަނީ އޭނާ ވެސް ހައްޔަރުކޮށްފައެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.