ބާޒާރުގައި މުދަލުގެ އަގު އުފުލެމުން ދިޔުމުގެ މައްސަލައަށް ވަގުތު ބޭކާރު ކުރުމެއް ނެތި މި ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި 2021 ވަނަ އަހަރު ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ ކެރެޓު ކިލޯއެއްގެ އަގު 2021 ވަނަ އަހަރުވެސް 140ރުފިޔާ އަށް އެރިކަން ފެންނަން އެބައޮތް ކަމަށެވެ.
ނަމަވެސް ކުރިއާއި ޚިލާފަށް މިއަދުގެ ތަފާތަކީ އެކަން ޙައްލުކުރާނެ ސަރުކާރުގެ ސިޔާސަތެއް އެކުލަވާލެވިފައިވާ ކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއާ ޚިލާފަށް މިއަދު ސިޔާސަތުތައް އެކުލަވާލެވި ވަގުތު ބޭކާރު ކުރުމެއްނެތި ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އުފުލުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަގު އުފުލިގެން ދިޔަ ސަބަބާއި ގުޅޭގޮތުން މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަޒީރު ސަޢީދު ވިދާޅުވީ ކެރެޓުގެ އަގު އުފުލެން މެދުވެރިވީ، ކެރެޓު ސަޕްލައި ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ބެލިބެލުމުން އެންގުނު ކަމަށެވެ. އަދި ސަޕްލައި މަދުވިއިރުވެސް އެސްޓީއޯ މެދުވެރިކޮށް ކެރެޓު ކިލޯއެއް 40ރ. ވިއްކަމުން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ސަޕްލައި މައްސަލަ ދިމާވީ ކުންފުނިތަކުގެ މުދާވެސް މިހާރު އެމްޕީއެލްއާއި ގުޅިގެން ކުރި މަސައްކަތުން ކްލިއަރ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އެހެން ކަމުން އަގު ބޮޑުކޮށް ނުވިއްކަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބާޒާރުގައި ކެރެޓުގެ އަގު އަރައިގެން ނުދީ ހިފެހެއްޓުމަަށް ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށް އެސްޓީއޯއިން ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މުދަލާއި ތަކެތީގެ އަގު އުފުލެމުން އަންނައިރު، އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (ސީޕީއައި)ގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓް ވެސް މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރު ވަނީ 6.35 ޕަސެންޓް މަތިވެފައެވެ.