އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ"، ދިވެހި ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "އޮޑިގޯ" އެޕާ ގުޅާލައި، އެ އެޕް މެދުވެރިކޮށް ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް ހަމަޖައްސައިފިއެވެ.
އުރީދޫ އިން ބުނީ މި ގުޅާލުމަކީ މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޮޑިގޯގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ލިބެން ހުރި ދަތުރުތައް އަޅައި ބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ސީދާ ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަކޮށްލެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫ އިން ބުނީ ބުކިންގް ކަށަވަރުވުމާއެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިންގް ޕާހެއް ލިބޭނެ ކަމަށާއި، މިއީ ފެށުނީއްސުރެ ނިމެންދެން ފަސޭހަ ޑިޖިޓަލް ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމެއް ކަމަށެވެ.
އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ އުރީދޫގައި އެމް-ފައިސާއާ މެދު އެ ކުންފުނިން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށާއި ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އެކުންފުނިން ދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޮޑިގޯއަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމާއި އަދި ކަނޑުދަތުރުފަތުރާ ގުޅޭ ހިދުމަތްތައް އެއް އެޕަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ދިވެހި ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިދުމަތްތައް ހޯދައި، ބުކްކޮށް އަދި ބޭނުންކުރުން ފަސޭހަވެ، އެކި ތަންތަނުން ބުކިންގް ހެއްދުމަށް ކުރަންޖެހޭ މަސައްކަތް މަދުވެގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރުގެ އިތުރުން، އޮޑިގޯއިން ދަނީ ދަތުރުފަތުރާއި ކަނޑުމަތީގެ ކަންކަމާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރާއި ފްލީޓްތައް ބަލާލުމާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކާއި އެހެނިހެން އުފެއްދުންތައް ހިމެނޭ މާކެޓްޕްލޭސްއެއް ބޭނުންކޮށްލެވެއެވެ.
މީގެ އިތުރުން އެ ޕްލެޓްފޯމުގައި ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓެއް ކަމަށްވާ އޮޑިމެޕް އަދި ކަނޑާއި މަސްވެރިކަމުގެ ލަފާކުރުންތައް ހިމެނޭހެން ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ފޯރުކޮށްދޭ ނަކަތް ހިމެނެއެވެ. ެއުރީދޫ އިން ބުނީ މި ގުޅާލުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ނިޒާމުގެ ތެރޭގައި އެމް-ފައިސާގެ ދައުރު އިތުރަށް ފުޅާވެ، ކޮންމެ ދުވަހަކު ބޭނުންކުރާ ގިނަ ހިދުމަތްތަކަކަށް ޑިޖިޓަލް ޕޭމަންޓް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ޑިޖިޓަލް މާލީ ހިދުމަތްދޭ ޕްލެޓްފޯމުގެ ހައިސިއްޔަތުން، އެމް-ފައިސާއިން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ މޮބައިލް ފޯނު މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މާލީ މުއާމަލާތްތައް ބެލެހެއްޓޭނެ މަގު ފަހިކޮށްދެއެވެ. އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ފޮނުވުމާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، މޮބައިލް ހިދުމަތްތައް ރީޗާޖުކުރުމުގެ އިތުރުން، ފުޅާވަމުންދާ ގިނަ ޑިޖިޓަލް މާލީ ހައްލުތަކެއް ބޭނުންކުރެވެއެވެ. މި އަހަރުގެ ކުރީކޮޅު ޕޭޕަލް ގުޅާލުމާއެކު، އެމް-ފައިސާއިން ވަނީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދީފައެވެ.
އޮޑިގޯ ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތްކޮށް، އުރީދޫ ފިންޓެކުން ދަނީ ދިވެހި އީޖާދުތަކަށް އެއްބާރުލުން ދިނުމާއެކު، މުޅި ގައުމުގައި ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރުން އިތުރުކުރުމަށް ހިތްވަރު ދެމުންނެވެ. ޖޯގްރަފީ ގޮތުން ވަކިވަކިން އުފެދިފައިވާ ރާއްޖޭގެ މުޖުތަމައުތަކުގައި، ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރާއި ޑިޖިޓަލް މާލީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރުމަކީ އާންމު ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށް ވާތީ، މި ގުޅާލުމަކީ ރާއްޖެއަށް ވަކިން ހާއްސަކޮށް މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫ އިން ބުނެއެވެ.
އުރޫދޫ އިން ބުނީ ޑިޖިޓަލް މާލީ ހިދުމަތްތަކަށާއި ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކަށް މެދުކެނޑުމެއްނެތި ކުރާ އިންވެސްޓްމަންޓްތައް މެދުވެރިކޮށް، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ތަސައްވުރު ކުރިއަށް ގެންދިއުމަށާއި، ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ކޮންމެ ދުވަހެއްގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށާއި، އަދި އިތުރަށް ގުޅިފައިވާ، އެންމެން ޝާމިލުވާ ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް އުރީދޫ ފިންޓެކުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
އޮޑިގޯ އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޝަރުތު ހަމަވާ ދަތުރުފަތުރުގެ ބުކިންގްތަކަށް ފައިސާ ދެއްކޭނެ ގޮތެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ވަނީ ހިމަނާފައި ކަމަށް އުރީދޫ އިން ބުނެއެވެ.