ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވާ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަޤާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހެނދުނު 10:00 އަށް ވަނީ ހަމަވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވި ދެ ފަނޑިޔާރުންނަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒް ޢަލީ ސަމީރާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުއްރައޫފް އިބްރާހީމް އެވެ. އެނގިފައިވާގޮތުގައި އެ މަޤާމަށް ކުރިމަތިލައްވާފައި ވަނީ އެ ދެ ބޭފުޅުން އެކަންޏެވެ. ނަމަވެސް، ކުރިމަތިލެއްވި ބޭފުޅުންގެ ރަސްމީ ތަފްސީލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ޢަލީ ރަޝީދުގެ ރިޓަޔަރމަންޓް ރަސްމީކޮށް ފެށޭނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ފަނޑިޔާރު ޢަލީ ސަމީރު ވަނީ މެލޭޝިޔާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވުމުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ސެކްރެޓަރީ ކަމާއި ސިވިލް ކޯޓުގެ އިސް ޤާޟީކަން ކުރައްވާފައެވެ. އަދި 2011 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ އިތުރުން، އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް ފުރައްވާފައެވެ.
ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް 2006 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގެ ދާއިރާ ގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު، ޝަރީދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 2011 ވަނަ އަހަރުއެވެ. މީގެ އިތުރުން އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ސިވިލް ކޯޓުގައިވެސް ޚިދުމަތް ކުރައްވާފައެވެ.