މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން، ޒަމާނީ ބަދަލުތަކާއެކު އަލުން ފަރުމާކުރި މެޓް އޮފީހުގެ ރަސްމީ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މަޢުލޫމާތާއި ދުރާލައި އިންޒާރުދޭ ނިޒާމުގެ ޚިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ެެއެ މަންސަތައް ފަރުމާކުރެވިފައި ވަނީ މޫސުމާ ބެހޭ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ތައްޔާރު ޕްރޮޖެކްޓް"ގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެ މަންސަތައް ފަރުމާކުރެވިފައި ވަނީ މޫސުމީ ސްޓޭޝަންތަކުން ލިބޭ މަޢުލޫމާތާއި ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް ފޮޓޯތައް އެއްކޮށްލައިގެން، ސީދާ ވަކިވަކި ސަރަޙައްދުތަކަށް ޚާއްޞަކޮށްގެން މޫސުން ލަފާކުރާ ގޮތް ފޯރުކޮށްދެވޭ ގޮތަށެވެ.
މިނިސްޓްރީން ބުނީ އާންމު ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އަދި އެކި ޙަފުލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް، ވަގުތުން ވަގުތަށް މޫސުމީ ޙާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ޙާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ކަމަށެވެ.
މެޓް އޮފީހުގެ އައު ވެބްސައިޓް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެގޮތް ހަދާފައިވާއިރު، އަލުން ފަރުމާކުރެވިފައިވާ "މޫސުން" އެޕްލިކޭޝަން، އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ވަނީ މި ނިޒާމުގެ ފަންނީ އޮނިގަނޑާއި މޫސުމީ މަޢުލޫމާތު ދައުރުވާ ގޮތުގެ ތަފުޞީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވަނީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ތައްޔާރު ޕްރޮޖެކްޓް" އަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި މޫސުމާ ބެހޭ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ޔޫއެންޑީޕީ އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އާއި، ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީ.ޑީ.އެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގޭ މަޝްރޫޢެކެވެ.