މޫސުން ގޯސް ވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ ( މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން 19:00 އަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން، މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭ ބާރުމިން ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭ މިންވަރު ބާރުނުވިޔަސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި އެވަރެޖުކޮށް، ވައި ބާރުވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެހެން ނަމަވެސް، އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި، ބުރާސްފަތި ދުވަހުން ފެށިގެން ކަނޑުތައް ވެސް މިހާރަށް ވުރެ މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންދާޒާކުރެއެވެ.