މި އަހަރުގެ ނޮވެމްބަރ މަހުގެ 1 އިން 4 އަށް ބޭއްވި ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑަގެންނެވި ދިވެހިރާއްޖޭގެ ވަފްދުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް އެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ވަފްދުން ވަނީ ކޮމަންވެލްތަކީ ވިލުންތެރި، ހަމަހަމަ އަދި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ޖަމުއިއްޔާއަކަށް ހެދުމަށް ވަކާލާތުކުރައްވާފައެވެ. އަދި ވަރުގަދަ ޕާޓްނަރޝިޕްސްއާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމާއި، މި ޖަމުއިއްޔާގެ މުސްތަގްބަލު ބައްޓަންކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށް މާނަވީ ފުރުސަތުތަކެއް ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖެއިން އަލިއަޅުވާލިއެވެ.

މީގެއިތުރުން، ކުދި ގައުމުތަކުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި، އެންމެންގެ ހިއްސާ އޮންނަ މުސްތަގްބަލެއް ޔަގީންކުރުމަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ތަކުރާރުކޮށް ކަށަވަރުކޮށްދިނެވެ.

ވަޒީރު ވަނީ ކޮމަންވެލްތުގެ މިނިސްޓީރިއަލް މީޓިންގ އޮން ސްމޯލް ސްޓޭސް ކޯ-ޗެއަރ ކުރައްވައި، އެ ބައްދަލުވުމުގެ ރިޕޯޓު އެގްޒެކެޓިވް ސެޝަން އަށް ހުށަހަޅުއްވާފައެވެ. އަދި އެ ވަޒީރު ވަނީ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ބޭއްވުނު ކޮމަންވެލްތުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައާއި، ޗޯގަމްގެ އެގްޒެކެޓިވް ސެޝަނުން ފެށިގެން ގައުމުތަކުގެ ވެރިންގެ ރީޓްރީޓާ ހަމައަށް ބޭއްވުނު ބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވާފައެވެ.

މީގެއިތުރުން، "ފްރޮމް ދަ ފްރަންޓް ލައިންސް ޓު ކޮޕް31: ކޮމަންވެލްތު ލީޑަރޝިޕް ފޯ ކްލައިމެޓް އެކްޝަން" ގެ ނަމުގައި ބޭއްވި ގްލޯބަލް ސިޓިޒަން ހައި-ލެވެލް ޕެނަލްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، އެ ބަދަލުތަކަށް ހޭނުމަށް ކޮޕް31 އިން ނަތީޖާ ނެރެދޭނެކަމަށް ރާއްޖެއިން ކުރާ އުންމީދުތައް ވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ބައިނަލްއަގްވާމީ ފެންވަރުގައި ފަހި މާޙައުލެއް ގާއިމުކޮށްދިނުމަށް ގޮވާލައްވަފައެވެ. އަދި ވިލުންތެރިކން ބިނާކުރަނިވި ޕާޓްނަރޝިޕްތަކުގެ މުހިންމުކަމާއި، ނަތީޖާއަށް އަމާޒުކޮށްގެން ވަކާލާތުކުރުމާއި، ގައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދޭނެ އެއްބާރުލުމާއި ޕާޓްނަރޝިޕްތައް މުހިންމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެކްސަލަރޭޓިންގެ ޕާޓްނަރޝިޕް އެންޑް އިންވެސްޓްމަންޓް ފޮރ އަ ޕްރޮސްޕެރަސް ކޮމަންވެލްތް،" މި ޝިއާރުގެ ދަށުން ބޭއްވުނު ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ވަރުގަދަކުރުމާއި، އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމާއި، އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.