މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައި ވަނީ އއ. ހިމަންދޫ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓު އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނައިން ވާރޭ ވެހުނު ހިމަންދޫއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ވަނީ 93.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ގދ. ކާނޑެއްދޫ އަށް 69.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ގދ. ތިނަދޫ އަށް 68.4 މިލިމީޓަރު އަދި ބ، ދަރަވަންދޫ އަށް 41.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މެޓް އިން އާންމު ކުރި މައުލޫމާތުގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެދު ރާއްޖޭ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. މީގެ އިތުރުން ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މެޓް އިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ ހިސާބުތަކަށް ރާޅުގެ އުސްމިން 2-4 ފޫޓު ހުންނާނެ ކަމަށް ލަފާ ކޮށްފައިވާ އިރު އެހެން ހިސާބުތަކަށް 3-6 ފޫޓު ހުންނާނެ ކަމަށް އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.