ގއ އަތޮޅުން ގދ އަތޮޅާ ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 22:00 އިން 01:30 އަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.

މެޓްއިން އާންމު ކުރި މައުލޫމާތުގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން، އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.

މެޓްއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑޫގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުންނާނެ ކަން މެޓްއިން ވަނީ ލަފާ ކޮށްފައެވެ.