ކ. ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހުރާ ނޭޗަރ ޕާކް" ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޓީމެއް އެރަށަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގެ ތެރެއިން، ހުރާގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބޯޑުތައް ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ. އަދި އެ ޓީމުން ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް، އެތަނުގެ މިހާރުގެ ހާލަތު ބަލައި އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި މި ދަތުރަކީ ހުރާ ކައުންސިލާއި، މި މަސައްކަތުގައި ހިއްސާވާ މުހިންމު ފަރާތްތަކާ ގުޅިގެން، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ދަތުރެކެވެ. މީގެއިތުރުން، އެ ސަރަޙައްދާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އެއް މަގުސަދެއް ކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.