ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ، ކުރިއަށްއޮތް 5 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެން ނަމަވެސް އެ ދުވަސްވަރު ވައި ގަދަނުވާނެ ކަމަށާއި، އާންމުކޮށް ވައި ޖެހޭނީ ގަޑިއަކު ފަސްމޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސް ވަރަކަށް ވުމުން، ވިއްސާރަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.