ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީއަކީ މުޅި ދުނިޔޭގައިވެސް އެންމެ ތޮއްޖެހުން ބޮޑު އަދި އެންމެ ހަލުވިކަމާއެކު ތަރައްޤީވެ ފުޅާވަމުން އައިސްފައިވާ އެއް ސިޓީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ "ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ހަތަރު ދަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އާބާދީ ވަނީ 250،000 އަށްވުރެ މައްޗަށް އަރާފައެވެ. ނަމަވެސް، މި އިތުރުވި އާބާދީއާ އެއްވަރަށް ފުރިހަމަވާންޖެހޭ ފެނާއި، ނަރުދަމާ، ކަރަންޓު، ކުނި މެނޭޖުކުރުން، ޓްރެފިކް ބެލެހެއްޓުން، ޑީވޯޓަރިންގ އަދި ސްޓޯމް ވޯޓާ ސިސްޓަމް ފަދަ ޒަރޫރީ ޚިދުމަތްތަކާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވިފައި ނުވާތީ، މާލެ ސިޓީއަށް މިއަދު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަސްލު މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި ދަނީ ދުރުރާސްތާގެ ހަރުދަނާ ތަރައްޤީގެ ޕްލޭނެއް ނެތި ސިޔާސަތުތައް ތަންފީޒު ކުރަމުންދާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، މާލޭގެ އާއިލާތަކުގެ މެދުގައި ގޯތިތައް ކުދިކުދިކޮށް ފޮތިފޮއްޗަށް ބެހުމުގެ ސަބަބުން މަގުތައް ހަނިވެ، އިމާރާތްތައް އުސްވެ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ދުވަހުން ދުވަހަށް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ.

މާލެ ސިޓީގެ ތޮއްޖެހުން ކުޑަކުރުމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ފޭސް 1، 2، 3، ގުޅީފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކި ނަމަވެސް، އެ ތަންތަނުގައިވެސް އާބާދީއާ އެކުއެކީ ގާއިމުވާންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އަދިވެސް މާލެ ސިޓީއަށް ބަރޯސާވާ މިންވަރު ކުޑަނުވާކަމަށް ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޓީތަކާއި ރަށްތައް ތަރައްޤީ ކުރުމަށް ލާމަރުކަޒީ ނިޒާމެއް ތަޢާރަފުކުރެވިފައި އޮތް ނަމަވެސް، ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޮޑެތި ދަތިތަކެއް ހުރިކަންވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.