ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެއް ކަމަށާއި އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގައި ހުންނަ ކަމަށެވެ. އަދި އެ ކަމުގެ އަގު ވަޒަންކުރެވެނީ، އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށް ވެސް މަދުންނެވެ." މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ޝުކުރުވެރިވުމަކީ، އަބަދުމެ މާތް ﷲ ހަނދުމަކޮށް، ކިޔަމަންތެރިކަމުގައި ދެމިތިބުން ކަމަށާއި އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެއް ކަމަށާއި ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ހުތުބާގައި ބުނީ މާތް ﷲ ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު، އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރެއްވި ކަމަށެވެ. އެގޮތުން ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫންކަން ހަނދާންކޮށްދީ ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެކަން ބުނެފައެވެ.
ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަކަށް ލިބިގެންނެއް ނުވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު، މުއުމިނު އަޅާގެ ޙާލަތު ބަޔާންކުރައްވައި ރަސޫލު ޙަދީޘްކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. (مَثَلُ الْـمُؤْمِنِ كَمَثَلِ خَامَةِ الزَّرْعِ يَفِيْءُ وَرَقُهُ، مِنْ حَيْثُ أَتَتْهَا الرِّيْحُ تُكَفِّئُهَا، فَإِذَا سَكَنَتِ اعْتَدَلَتْ، وكَذَلِكَ الْـمُؤْمِنُ يُكَفَّأُ بِالْبَلَاءِ، وَمَثَلُ الْكَافِرِ كَمَثَلِ الأَرْزَةِ صَمَّاءَ مُعْتَدِلَةً حَتَّى يَقْصِمَهَا اللهُ إِذَا شَاءَ) މާނައީ: "މުއުމިނު އަޅާގެ މިސާލަކީ، ފަތްތައް ހެލިލަހެލިލާ ހުންނަ ޅަނދޮޅު ގަހެއްގެ މިސާލެވެ. ޖެހޭ ވައިރޯޅިއާ އެކު އެ ގަސް ލެނބެއެވެ. އަދި ވައި މަޑުވުމުން އެ ގަސް ސީދާވެއެވެ. މުއުމިނު އަޅާ މުޞީބާތުގެ ތެރޭގައި ވަނީ ހަމަ އެފަދައިންނެވެ. އަދި ކާފިރު މީހާގެ މިސާލަކީ، މާތް ﷲ އިރާދަކުރައްވައިފި ހިނދަކު މުލުން ލުހެލައްވައިފުމަށްދާންދެން ވަޔާ ނުލެނބި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ މިސާލެވެ. އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫނެވެ. މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުމެވެ.
ހުތުބާގައި ބުނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫން ކަމަށާއި އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެއް ކަމަށެވެ. މިގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލާން ދިޔުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ހުތުބާގައި ވަނީ މިއަދު ފުރިހަމަ ސިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި، ފަރުވާކުޑަކޮށްލެވެނީ ކިތައްކިތައް މީހުންނަށްތޯ ސުވާލު އަމާޒުކޮށްފައެވެ. އަދި މާދަމާ މާތް ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު، އެކަލާނގެ އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ހަށިގަނޑުގައި ލެއްވި ބާރުގެ ބޭނުންކުރި ގޮތާ މެދު ދޭނީ ކޮންޖަވާބެއްތޯވެސް ވަނީ ސުވާލު އަމާޒުކޮށްފައެވެ.