ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން 182 ހައުސިން ޔުނިޓުތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން 364 ހައުސިންގ ޔުނިޓެއް ތަރައްގީކުރަމުން އަންނައިރު، އެ ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ަކަމަށެވެ. އަދި އެ ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު ޖުމްލަ 3،000 ފްލެޓް އަޅާނެއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އެވެ.