ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން "ކައިވެނިކޮށްދިން" މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދަދި ފަހުން ސޯޝަލް މީޑިއާގައި އާންމު ވެފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ، އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވަތީ ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެން ކަމުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މި ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފުލުހުން ވަނީ، ރިސޯޓުތަކާއި، ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ އަމަލުތައް ހިނގިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

އެހެން ކަމުން މި ފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.