ރާއްޖޭގެ ހުރިހާ ރަށެއްގެ ޔުޓިލިޓީގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، އެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.
ފެނަކަ އިން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް، ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
އެ ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯ އިން އިއްޔެ ހަވާލުވީ ލ. ފޮނަދުއާ އެވެ. އެކަން ފާހަގަކުރަން، ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.
އެ ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާ މެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އަޒުވަރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަޒްވަރު ދެއްވިއެވެ.
މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގަ އެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފަ އެވެ.
ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް މިހާރު ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލު ކޮށްފަ އެވެ. ސްޓެލްކޯއިން ބުނީ އެ ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅު ތެރޭގައި ވަނީ ހަރަކާތްތެރިވެފައެވެ.
ފެނަކަ އުވާލަން ނިންމިއިރު އެ ކުންފުނިން ކުރީ ސަރުކާރުުގައި ހިންގި ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރައި، ފެނަކައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ.