ހިޔާވަހި ފައިނޭންސްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކުރެވޭނެ ގޮތްތައް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގުގެ 12 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ވަނީ ހިޔާވަހި ފައިނޭންސްގެ ދަށުން ލޯނު ހަމަޖެހިފައި ވީނަމަވެސް އެކަށީގެންވާ އަދަދަށް ލޯނު ލިބިފައިނުވާތީ ގެދޮރު އިމާރާތްކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ބުނެފައެވެ.

މި ކަންބޮޑުވުމާއި ގުޅިގެން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަމާލުކަމަށް މީގެކުރިން މިފަދަ ކަމެއް އައިސްފައިނުވާކަމަށެވެ. އަދި މިކަން ހިނގާފައިި މިވަނީ އެމަނިކުފާނު ކަނޑައެޅި ނުވަތަ ވިސްނާފައި އޮތް ގޮތައް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަން ވަރަށް ގާތުން ބައްލަވާނެކަމަށެވެ.

" އަޅުގަނޑަށް މިހާތަނަށް ނޭގެ ތިކަހަލަ އެހެން ކޭސް އެއް އުޅޭ ކަމެއް ވެސް އަޅުގަނޑާ ހަމަޔަށް ވެސް އަދި ރައީސް އޮފީހާ ހަމަޔައް ވެސް ނާދޭ. ދެން 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

"ހިޔާވަހި ފައިނޭންސް ސްކީމް" ގެ ނަމުގައި އެޗްޑީއެފްސީ މެދުވެރިކޮށް، އެ ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސް މިންގަޑުތަކާ އެއްގޮތަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަ ކޮށްގެން، ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރަނީ ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓުގައެވެ.

މި ހާއްސަ ލުއި ލޯނު އަތޮޅުތެރޭގެ ރަށްތަކަށް ދޫކުރާ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާއެވެ. މާލެ ސަރަހައްދަށާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް މި ސްކީމުގެ ދަށުން ލޯނު ލިބޭނީ ތިން މިލިއަން ރުފިޔާއާ ހަމައަށެވެ.