މި ހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެމަނިކުފާނު މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11 ވާ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވެފައި، އޭގެ އަނެއް ދުވަހަކީ ހަފުތާ ބަންދުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަސް ކަމަށް ވާތީ ކަމަށެވެ.
ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ހަފުތާ ބަންދާ ގުޅިގެން މެދުކެނޑުމެއް ނެތި ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ދުވަސްތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމުގެ މަގްސަދުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން، ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ރަސްމީކޮށް ހުޅުވޭނީ ހަފުތާ ބަންދަށްފަހު އަންނަ އާދީއްތަ ދުވަހެވެ.