'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 2011 ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން ކުރި އިއުލާނެއްގައި ބުނީ މި ފުރުސަތު ހުޅުވާލާފައި ވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ކަމަށެވެ.
މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީން ބުނި ގޮތުގައި ބިން ވިއްކާނީ އަކަފޫޓަކަށް -/2000 ރުފިޔާގެ މަގުންނެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ވިއްކަން ހުޅުވާލާފައި ވަނީ މާފަންނުގެ 21 ބިމަކާއި މައްޗަންގޯޅީގެ 10 ބިމަކާއި ހެންވޭރުގެ 9 ބިމަކާއި ގަލޮޅުގެ 7 ބިން އަދި ވިލިމާލެއިންވެސް އެއް ބިން ހިމެނޭ ކަމަށެވެ.
ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކާއެކު 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައިފައިވެއެވެ.
މިނިސްޓްރީން ބުނީ ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާރޓު އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން 8 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށެވެ.