ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފައެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އަންގާރަދުވަހު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ޝާހިދު ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ޝާހިދު ހައްޔަރުކޮށް ތަހުގީގަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ޝާހިދުގެ ގެ ހ.ރަބީއީމަންޒިލަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަދެ ރޭ ފާސްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ދެ ފަހަރެއްގެ މަތިން ޝާހިދު ވަނީ އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު މަސައްކަތްކުރައްވައި، މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކޮށްދެއްވާފައިވެއެވެ.