ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓު 10 މިލިޔަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ތ. އަތޮޅު ހޮސްޕިޓަލު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި، އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލްބަދަރެވެ.

އެގޮތުން މި ބައްދަލުވުމުގައި އަލްބަދަރް ވިދާޅުވީ، ކަންޓްރީ ލިމިޓު ބޮޑުކުރުމަށް ނިންމެވީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިޢާޔަތްކުރެއްވުމަށް ފަހު ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެންއެ ލިމިޓު ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްބަދަރް ވަނީ އަންނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގައި ބައިވެރިވުމަށް ވަޒީރު އެދިވަޑައިގެންފައިވާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފަށްޓަވާނެކަންވެސް ހާމަކުރައްވާފައެވެ. އަލްބަދަރް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު ރާއްޖޭގެ މަޝްރޫޢުތަކަށް ކުވެއިތު ފަންޑުން ފައިނޭންސް ކުރަން ފެށިތާ މިހާރު ވަނީ 50 އަހަރު ފުރިފައެވެ. ވޭތުވެދިޔަ މުއްދަތުގައި އެ ފަންޑުން ރާއްޖެއަށް 185 މިލިޔަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާއިރު، ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ ޤައުމީ ތަރައްޤީގައި އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމުގައި އެ ފަންޑު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަލްބަދަރް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވެއިތު ފަންޑުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގި އެކިއެކި މަޝްރޫޢުތަކާއި، އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތުގެ އިތުރުން ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތްތަކުގައި ކުވައިތު ފަންޑުގެ ދައުރު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.