މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ލިބޭގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، ޢަމަލުކުރަން ފަށައިފިއެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.

ޕެންޝަން އޮފީހުން ބުނީ އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން، 65 އަހަރުވުމުގެ ސަބަބުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ހިފޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

.މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަ ވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުރި ނަމަ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ ކަމަށާއި ޙައްޖު ދަތުރުގެ އަގުގެ ބާކީ 80 އިންސައްތައަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުނި ނުވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. މި ހައްޖު ކޯޕަރޭޝަނުން ބުނީ އެ ފައިސާ ޙައްޖު ކޯޕަރޭޝަނާ ޙަވާލުކުރުމާ ހަމައަށް، ދާނީ އިންވެސްޓްކުރެވެމުން ކަމަށެވެ.

އެމް.އާރް.ޕީ.އެސް އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެ ކަމަށާއި އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.