މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ހޯދަން އިއުލާނުކޮށްފައެވެ.
އެ ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށްވުމެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވުމާއި އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުންވެސް އެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ހިޔާނާތާއި ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމުގެ އިތުރުން ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ
އެގޮތުން އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރު އަދި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރުގެ އިތުރުން ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެ އެވެ.
މީޑިއާ ކޮމިޝަނަށް އައްޔަންކުރެވޭ މެމްބަރުން މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމުގައި ވާއިރު، މެމްބަރު ކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެ ދައުރަށް ވުރެ ގިނަ ދައުރު މެމްބަރުކަމުގައި ނުހުރެވޭނެއެވެ.
މިހާރު އޮތް މީޑިއާ ކޮމިޝަނަކީ، ސަރުކާރުން އެކުލަވާލި މީޑިއާ ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވުމުންނެވެ.
މީޑިއާ ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަޙީދު އަދި ސަފާ ޝަފީޤް އާއި އާމިނަތު ސަރާޙަތު ޢިއްޒަތު އާއި ޙުސައިން ޘަގީފް އިޙްސާން އާއި ސިމާހާ ނަސީމް އަދި ޢަބްދުލްޢަޒީޒް އިބްރާހީމް އެވެ.