ދުުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން، މޯލްޑިވްސް ގޭސް އިން ގޭސްއަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ގޭހުން މިއަދު ބުނީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، 7 ނޮވެމްބަރު 2026 އިން ފެށިގެން، ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދެވޭނީ 7 ކިލޯގެ ގޭސް ކަމަށް މޯލްޑިވްސް ގޭހުން ބުނެފައި ވެއެވެ. އަދި 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދެވޭނީ 14 ކިލޯގެ ގޭސް ކަމަށްވެސް މޯލްޑިވްސް ގޭހުން ބުނެއެވެ. މީގެ އިތުރުން 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދެވޭނީ 31 ކިލޯގެ ގޭސް ކަމަށާއި، މި ބަދަލާއި ގުޅިގެން ގޭހުގެ އަގު ބޮޑުވެގެނެއް ނުދާނެ ކަމަށްވެސް މޯލްޑިވްސް ގޭހުން ބުނެއެވެ.

އެ ބަދަލު ގެނެސްފައިވީ ނަމަވެސް މޯލްޑިވްސް ގޭހުން ބުނީ ފައިސާ ނަގަމުންދާނީ، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ކަމަށެވެ.

ރާއްޖޭގައި ގޭސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އެ މަޝްރޫޢު ނިމުމުން، 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ގޭހުން ބުނެއެވެ.