މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މަޖިލީހުގެ ރިޔާސަތުން، ގަރާރު ބަލައިގަނެ ބަހުސް ކުރިއަށް ގެންދިއުމާ މެދު މެންބަރުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 52 މެންބަރަކު ވޯޓު ދެއްވިއެވެ.

މެންބަރު މީކާއީލް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، މަސް މާރުކޭޓާއި، ސަލްޓަން ޕާކާއި، އަދި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭގެ 14 ބިމެއް ހައުސިން މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާ އެ ބިންތަކަކީ މާލެއާއި ވިލިމާލޭގެ އުމްރާނީ ތަރައްގީއަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ފުޅާކުރުމަށް ކައުންސިލަށް ކޮންމެހެން މުހިންމު ބިންތަކެއް ކަމަށެވެ.

އަދި އެ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބެމުންދާ ތަންތަން ކަމަށާއި، އެ ފައިސާއަކީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި އިދާރީ ހިންގުމުގެ ޚަރަދުތަކަށް ކަނޑައެޅިފައިވާ ފައިސާ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. ޕާކިން އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތައް ފަދަ އާންމުންނަށް ފައިދާހުރި މަޝްރޫއުތައް އެ ބިންތަކުގައި ހިންގަން ކައުންސިލުން ތައްޔާރުވަމުން ދަނިކޮށް ސަރުކާރުން އެ ބިންތައް އަތުލުމަކީ، ކައުންސިލުގެ ގާނޫނީ ބާރުތައް ހަނިވެ، އޭގެ ގެއްލުން މާލޭގެ ރައްޔިތުންނަށް އިންތިހާއަށް ކުރާނެ ކަމެއް ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.

މީކާއީލް ހުށަހެޅުއްވި މި ގަރާރު މިއަދު ބޭރުކޮށްލާފައިވާއިރު މިއީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓެއް ނަގަންޖެހޭ ގޮތަށާއި ފާސްނުވެއްޖެ ނަމަ ވަގުތުން ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް ފަހު އިދިކޮޅުން ހުށަހެޅި ދެވަނަ ގަރާރެވެ.