ޑޮލަރު އެކްސްޗޭންޖް ރޭޓުގެ ނިޒާމް ތަންފީޒު ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، އެމްއެމްއޭއިން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި، ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށްގޮސްފައިވާ ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި ގުޅިގެން ކުރައްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، ގާނޫނުތައް ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުން ކަަމަށާއި މަސައްކަތް ކުރަނީ އެ ހަމައިގެ ތެރެއިން ކަމަށެވެ.
ރާއްޖޭގެ ފޮރިން އެކްސްޖޭންޖާއި ބެހޭ ކަންކަމުގެ ޒިންމާ މަތިކޮށްފައިވަނީ އެކްސް ޗޭންޖް ރޭޓް ނިޒާމް ތަންފީޒު ކުރުމަށްޓަކައި އެކްސް ޗޭންޖް ރޭޓުގެ އަދި އެކްސް ޗޭންޖް ރޭޓާއި ބެހޭ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަން ވަޒީރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ އެކަން އެގޮތަށް އޮތް ކަމުގައިވީނަމަވެސް ރައްޔިތުންގެ އާންމު މަސްލަހަތާއި ތެދުވެރިކަމާއެކު އެކަން ކުރުމަށްޓަކައި މަޖިލީހަށް ހާޒިރު ކުރުމުން އެކަމަށް ޖަވާބެއް ދޭންވާނެ ކަމަށެވެ.
މި ސުވާލު ކުރައްފައިވަނީ 2018އިން 2023އަށް ދިވެހި ރާއްޖޭގައި ވެރިކަން ކުރި އެމްޑީޕީގެ މެންބަރުން ކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ޑޮލަރުގެ ހާލަތު އޭރުގަ އުފައްދާފައި އޮތީވެސް ހަމަ އެމްޑީޕީން ކަމަށެވެ. އަދި އެއަށް ސީދާ ޖަވާބު ދޭން އެންމެ ރަނގަޅު ގޮތަކީ އޭރާއި މިހާރުގެ ހާލަތު ސީދާ މިހާރު ހުރި އަދަދުތަކުން ކިޔަދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ޓީޓީއަށް 2021، 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ކާޑާއި އީކޮމާރސް، ތައުލީމާއި ސިއްހަތު، ރާއްޖެއިން ބޭރަށް، ދަތުރު ކުރުން، ހައްޖާއި އުމްރާ އަދި މި ބާވަތްތަކުގެ ޖުމްލައަށް 253.8 މިލިޔަން ޑޮލަރު ބީއެމްއެލް މެދުވެރިކޮށް 15.42ގެ ރޭޓުން ދޫކޮށްފައިވާ ކަމަށެވެ. އަދި 2022 ވަނަ އަހަރު 372.9 މިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ނޮވެންބަރު 17އާއި ހަމައަށް އެއަހަރު ތެރޭގައި 442.56 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
އެ އަދަދުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާއި އަޅާ ކިޔުއްވާ ވަޒީރު ވިދާޅުވީ، 2024، 2025، އަދި 2026 ވަނަ އަހަރާ ހަމައަށް ބަލާއިރު، 2024 ވަނަ އަހަރު އެކަނި 486.53 މިލިޔަން ޑޮލަރު ރަސްމީ ރޭޓު 15.42ގައި ދޫކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުރީ އަހަރާއި އަޅާބަލާއިރު 97 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 2025 ވަނަ އަހަރު 733.82 މިލިޔަން ޑޮލަރު އަދި 2026 ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިޔަން ޑޮލަރު ލިބިފައިވާ އިރު، ޖުމްލަ 1.9 ބިލިޔަން ޑޮލަރު ސަރުކާރުން ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ކުރީ ސަރުކާރާއި އަޅާބަލާއިރު 80 އިންސައްތައިގެ އިތުރުވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.