ނޮވެމްބަރު 3ގެ ހާދިސާގައި ދުޝްމަނުންނާއި ދެކޮޅަށް ދިވެހި ސިފައިން ދެއްކެވި ނަމޫނާއިން އަދުގެ ޒުވާނުން އިބުރަތް ހާސިލުކުރަން ޖެހޭކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ މިނިވަންކަމުގެ ރަމްޒުކަމުގައިވާ ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ މިނިވަންކަމާ އެކު މިއަދު ވިހެރެމުން އެ ދަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ސިފައިން ލެޔާ ފުރާނައިން ވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ދުނިޔޭގެ ސަލާމަތީ މަޝްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭ ނުރައްކާތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ތަފާތު އެކި ގައުމުތަކަށް ތަފާތު ގޮތްގޮތައް އެކިކަހަލަ ނުރައްކާތަކާ ކުރިމަތިވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދިވެހިންނަކީ މި ސަރަހައްދުގައި އޮތް އެންމެ ޒަމާންވީ މިނިވަން ދައުލަތް ކަމަށެވެ. މި ފަހުރުވެރި މިނިވަން ތަރީހު ގުޅިފައިވަނީ ދިވެހި ރައްޔިތުން އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި އެއް އަޒުމެއްގައި ދެމިތިބޭ ތިބުމުގެ މައްޗައް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިފާއީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާއީ ސިޔާސަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާނުވެ ދިވެހިން އަމިއްލައަށް ދިފާއުކޮށް ދެމެހެއްޓުމެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ އަގުހުރި މަސަކަތްތައް ކުރައްވަމުންދަނީ އެމަނިކުފާނުގެ ސިޔާސަތުގެ ދަށުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ރައީސް ވަޑައިގަންނަވަނީ ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށް އެއްގަމާއި ކަނޑާއި ވައިގެ ތެރޭގެ އޮޕަރޭޝަންތަކަށް ސިފައިން ތަމްރީނު ކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދައިދެއްވުމަށް މަސަކަތްކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ނޮމެބަރު ތިނެއްގައި ދުޝްމަނުންނާއި ދެކޮޅަށް ޖިހާދު ކުރެއްވި ސިފައިން އެ ދުވަހު މި ގައުމަށް ދެއްކި ގައުމީ ނަމޫނާ އިން އަދުގެ ޒުވާނުން އިބުރަތް ހާސިލު ކުރަން ޖެހޭ. އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާ ކުރަން ޖެހޭނެ. "

ވަޒީރު ހަސަން ރަޝީދު

ވަޒީރު އިތުރަށް ވިދާޅުވީ، ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ މާޒީގައި ކާބަފައިން ދައްކައިދިން ނަމޫނާއާ އެއްގޮތަށް ގައުމީ މަސްލަހަތު އިސްކުރަންޖެހޭކަން ކަމަށެވެ. އަދި އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، އެއްވެސް ބައެއްގެ ބާރުގެ ދަށުގައި އޮތުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.