ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހުށައަޅައިދިން އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި، މިއަދު ހަވީރު އޮތް ސިފައިންގެ އަސްކަރީ ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހުރީ މައިދާނަށް ވަޑައިގެންނެވުމުން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ އާއި ދިފާޢީ ވަޒީރު ހަސަން ރަޝީދުގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގައުމީ ދިފާއީ ބާރުން ހުށައަޅައިދޭ އަސްކަރީ ހަރަކާތްތަކަކީ، ކޮންމެ އަހަރަކުވެސް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި މި ހަރަކާތްތަކަށް އޮންނަ ޝައުގުވެރިކަން ބޮޑުވެގެންދެއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ބަލާލުމަށްވެސް ގިނަ އަދަދެއްގެ އާންމުންނާއި، ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ޖަމާވެފައެވެ.
އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުގެ ޔުނިފޯމްތަކާއި، އުޅަނދުތައް ވަނީ ދައްކާލާފައެވެ. އެގޮތުން އެއްގަމާއި ކަނޑުމަގުން ހިދުމަތް ދިނުމަށް ސިފައިން ގެންގުޅޭ އެކިއެކި އުޅަނދުތައް މި ހަރަކާތުގެ ތެރެއިން ދައްކާލިއެވެ.
މި ހަރަކާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުމާއި ގާބިލުކަން އާންމުންނަށް ދައްކާލުމެވެ. މި ހަރަކާތުގައި އަސްކަރީ ހުށައެޅުންތަކުގެ އިތުރުން މިލިޓަރީ ބޭންޑުގެ ހުށައެޅުންތައްވެސް ފެނިގެންގޮސްފައިވެއެވެ.