ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ދެންނެވުމުން، 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޝާހިދު ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. އެކަން ހާމަކޮށް ފުލުހުން ނެރުނު ކުރު ބަޔާނެއްގަައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ހ. ރަބީޢީމަންޒިލް، ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ކަމަަށެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، ޝާހިދު ހައްޔަރުކޮށްފައިވާކަމުގެ ވާހަކަތައް ފެތުރެން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ، ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއްކަމަށް ވިދާޅުވެފައެވެ.
"މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ." ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޝާހިދު ހައްޔަރުކުރި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ވަނީ ކެމްޕެއިންވެސް ފައްޓަވާފައެވެ.
ޝާހިދަކީ މީގެކުރިން އެމްޑީޕީ ސަރުކާރުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.