ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ މަޝްރޫއުގެ އެއްބަސްވުމުގައި ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއެވެ. އެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ނައިބު، ފާތިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މރ. ޖޯ ވޭދޯން އެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގގެ މަސައްކަތުގެ ކޮންޓްރެކްޓަރުގައި ސޮއިކޮށްފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫޢުއަކީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކޮށް ވަސީލަތްތައް ޤާއިމްކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ މަޝްރޫޢުއެކެވެ. މީގެ އިތުރުން މިއީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ.