ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދުބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ނިންމާފައިވާ ގޮތުގެ ޗާޓުތައް ހިއްސާކޮށްފައެވެ.

އެގޮތުން އެޗާޓުތަކުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތައް އެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި މާދަމާ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދާ ގުޅިގެން، ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު އުޅަނދުފަހަރަށް ބަންދުވާނެ ކަމަށެވެ. އަދި ޝަހީދުންގެ ބިނާގައި ބާއްވާ ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތަށްޓަކައި، ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ވަށައިގެންވާ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ މިލިޓަރީ ޑިސްޕްލޭއާ ގުޅިގެން މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގެ މަގުތަކުގެ އިތުރުން، އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ވެސް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެެއެވެ.

މީގެ އިތުރުން ރޭގަނޑު ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން، ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.