ނިމިދިޔަ އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ނިމިދިޔަ އޮކްޓޯބަރ މަހު މިފްކޯއަށް 462 ދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރިން މަހު މިފްކޯއަށް މަސް ކިރުވީ، 453 ދޯންޏަކުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ކަޅުބިލަމަސް ކިރައިގެން ދޫކޮށްފައިވަނީ ޖުމްލަ 30،007،339 ރުފިޔާއެވެ. އަދި މިދިޔަ މަހު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވައިގެންނެވެ.
އެގޮތުން، މިދިޔަ މަހު 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރައިގެން 30،007،339 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނަށް ދޫކޮށްފައިވަނީ 30،700 ރުފިޔާއެވެ.
މިދިޔަ މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 27 މިލިއަން ރުފިޔާއެވެ.
މިފްކޯއިން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރުފިޔާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގަ އެވެ. އެ މަހު އެކަނި ވެސް 4414 ޓަނުގެ މަސް ކިރައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނި ދޫކޮށްފައެވެ.
މަސްވެރިކަން ރަނގަޅުވަމުން އަންނައިރު ސަރުކާރުން ދަނީ ދައުލަތުގެ މަސް ކުންފުނިން މަސް ގަންނަ އަގު އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. މިފްކޯއިން މިހާރު ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން ދަނީ 22 ރުފިޔާއިން މަތީގައެވެ. މިފްކޯގެ އަހަރީ ދުވަހާ ގުޅުވައި އެކުންފުނިން މަސް ކިލޯއެއް 23 ރުފިޔާއަށް ވެސް ނޮވެންބަރު 1 ވަނަ ދުވަހު ގަނެފައިވެއެވެ.
މަހުގެ އަގު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތާއި އެކު މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް މަސް ފިނިކޮށް ރައްކާ ކުރާ ނިޒާމުތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމަށް މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ޖަމާކޮށްދެއެވެ.