މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 ގެ ބަލައި ފާސްކޮށް ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އޮކްޓޫބަރު 31ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ) އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.