ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބަައިގެން ކިޔަވައިދޭ އުސޫލު ނުވަތަ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ހޯމް ސްކޫލިން ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ.
އެ ބިލުގައި ވަނީ ހޯމް ސްކޫލިންއަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބެއް މެދުވެރިވެގެން ކަމަށް ބުނެފައެވެ. އެ ސަބަބުތަކަށް ބަލާލައިރު، ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން، ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުން އަދި ތިން ވަނަ ޝަރުތަކަށް އެ ނޫން ހާއްސަ ހާލަތެއް، (ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް) މެދުވެރިވުން ހިމެނެއެވެ.
އެ ބިލުގައި ވަނީ، އެ ތިން ސަބަބުން، ސަބަބަކާ ހެދި ސްކޫލަށް ހާޒިރުނުވެވޭ ކުއްޖަކަށް ހޯމް ސްކޫލިންގެ ހިދުމަތް ލިބޭނީ އެ ކުއްޖާގެ ބެލެނިވެރިންނަކީ ހޯމްސްކޫލިންގެ ހިދުމަތް ދިނުމުގެ މާލީ ގާބިލުކަން ހުރި ބަޔަކަށް ވާނަމަ ކަމަށް ބުނެފައެވެ. އަދި ހޯމް ސްކޫލިން އަށް އެދެވޭނީ ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ހޯމް ސްކޫލިން އަށް ޝަރުތުހަމަވާ ކުދިން ކަނޑައަޅަން އެސެސްމެންޓް ހަދާނެ ގޮތުގެ ގަވައިދާއި އެކަމަށް ކުދިން ރަޖިސްޓްރީކުރުމާއި ޕްލޭން އެކުލަވައިލުމާއި، ހޮމް ސްކޫލިން ނިޒާމުގެ ދަށުން ކިޔަވައިދޭނެ ޓީޗަރުންގެ ޝަރުތުތައް ކަނޑައަޅާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރު އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެގޮތަށް ކިޔަވާ ކުދިން މޮނިޓާ ކުރާނެ އުސޫލުތައް ވެސް އެ މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ހޯމްސްކޫލިން އުސޫލުން ވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތަކެއް ހުންނަ ކުއްޖަކަށް ނަމަ ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ތައުލީމުގެ ގާނޫނު ބަދަލުކުރަން އެ ބިލުގައި ވަނީ ހުށަހަޅާފައެވެ.