ހޯމް ސްކޫލިން ގެންނަން އުޅެނީ ސަރުކާރުން ތައުލީމީ ދާއިރާއަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، މިއީ ދައުލަތުން ކުރަންޖެހޭ ހަރަދުތައް ނުކޮށް، ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ތައުލީމު އުނގެނުން ހުއްޓުވުމުގެ މަގްސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ކޮންމެ ގާނޫނަކަށް ނުވަތަ ކޮންމެ ބަދަލަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ހޭދަ ކުޑަ ކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ ބަދަލުތަކެއްކަން މައުރޫފް ފާހަގަކުރެއްވިއެވެ. ނަމަވެސް ހޭދަ ކުޑަ ކުރަނީ ކީއްވެގެންތޯ ނުވަތަ ކޮން ނަތީޖާއެއް ނެރެންތޯ ބަލާލާ އިރު، އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެވޭ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ކުރާ ހަރަދުތައް ކުޑަކޮށްގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަންފާ އާއި ލާބައަށް ވަޒީފާތައް އިތުރުކުރުމަށާއި، ބާރުތައް އެއްކުރުމަށް ކަމަށެވެ. އެގޮތުން މައުރޫފް ވަނީ، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓޭނެ ފަދަ ބާރުތަކެއް ބިލުގެ ތެރެއަށް ލާފައިވާ ކަމަށް ތުހުމަތުކުރެއްވާފައެވެ.

މައުރޫފް ވިދާޅުވީ، ސްކޫލުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ. އެހެންކަމުން ސްކޫލުތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް މިއަދު ނުލިބޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

" އަޅުގަނޑަކަށެއް ނޭނގެ މި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ދޭ ބޮޑު ބަޖެޓުން މި ކުރަނީ ކީއްކަމެއް. ކޮންމެ ސްކޫލަކުން އަޅުގަނޑުމެންނަށް އަބަދާ އަބަދު ގުޅަމުން ދަނީ ސްޕޮންސަރ އެއް ހޯދަން. ސްކޫލުގައި އިތުރު ހަރަކާތެއް ބޭއްވިއަސް، ކުޅިވަރު ހަރަކާތެއް ބޭއްވިއަސް، ސްކޫލެއްގެ އަހަރީ ދުވަސް އަޔަސް ވެސް، އިނާމު ދިނުމުގެ ޖަލްސާ އެއް އަޔަސް ވެސް ސްކޫލުތައް ޑިޕެންޑުވެފައި މި ވަނީ ބޭރުން ފަންޑު ހޯދައިގެން ބޮޑު ކުންފުންޏަކަށް. ސްކޫލަކަށް ބޭނުންވާ، އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުމެން ދޭ ބަޖެޓު ކޮންތާކަށް ކަމެއް މި އަޅަނީކީ"

މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ، މި ބިލުން ފެންނަނީ ތައުލީމީ ދާއިރާގެ މުވައްޒަފުން އޮބަހައްޓައި އެ މީހުންގެ ހައްގުތައް ހަނިކުރުމަށްޓަކައި ހީލަތްތެރި މާއްދާތަކެއް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން އެކެޑެމިކް ކަލަންޑަރަށް ކުއްލި ކުއްލިއަށް ބަދަލު ގެންނަމުންދާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ކުރީގެ ސަރުކާރުން ސްކޫލުތަކުގެ ބޮޑު ޗުއްޓީ ރިސޯޓުތަކުގެ ލޯ ސީޒަނާ ދިމާވާ ގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އާއިލާތަކަށް ހަރަދުކުޑަކޮށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ބަދަލުތައް އަލުން އަނބުރާ ގެންނަނީ އެއްވެސް މަޝްވަރާއެއް ނެތި، ހަމައެކަނި ކުރީ ސަރުކާރުން ކުރި ކަމަކަށް ވާތީ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.