ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީގެ 38 ވަނަ ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ.

އެ ގަރާރު ހުށަހަޅުއްވަމުން މަހުްފޫޒު ވިދާޅުވީ މިއުޅެނީ ސަރުކާރުން ބޮޑު އިންވެސްޓުމަންޓެއް ކުރަން އުޅޭތީ އެކަމާ އެމްޑީޕީން ކަންބޮޑުވެގެން ނޫން ކަމަށެވެ. އަދި އެކަމާއި ދެކޮޅު ވެގެންވެސް ނޫން ކަމަށާއި އެމްޑީޕީއަކީ އިންވެސްޓްމަންޓްތަަކަށް ހުޅުވާލާ ބައެއް އަދި އިންވެސްޓްމަންޓްތަކަށް ގޮވާލާ ބައެއް ކަމަށް މަހްފޫޒް ވިދާޅުވިއެވެ. ރަސްމާލެ ތަރައްގީކޮށްފައި އޮތީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށާއި ރާއްޖެ މިހާރު އޮތް ހާލަތަށް ދިޔައީ އެތަން ހިއްކަން ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ އެކުއިޒިޝަން ކޯސްޓަކާ ނުލައި ކަމަށެވެ. އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށް ދައުލަތުގެ މާލިއްޔަތަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ. ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް ކަމަށާއި ބިޑުކުރުމަކާ ނުލައި ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް ޕްރޮޕޯސަލަކާ ގުޅިގެން މަޝްރޫއެއް ހަވާލުކުރާ އިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަދަންޖެހޭ އެސެސްމަންޓުތަކާއި ހުށަހެޅުމުގެ ދާއިރާގައި ހިމެނޭ ކަންކަން އާންމުކޮށްފައި ނުވާތީ، އީގަލް ހިލްސް ހިޔާރުކޮށްފައިވަނީ ގާނޫނީ އުސޫލުތައް ފުރިހަމަ ނުކޮށް ކަމަށް ބެލެވޭ ކަމުގައި އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ. މަހުފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 56 މެންބަރުން އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ގަރާރަށް ބަހުސްކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރަސްމާލެއަކީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ބޯހިޔާވަހިކަމަށް ހިއްކި ތަނެއް ކަމަށެވެ. ނަމަވެސް އެތަން ކުއްލިއަކަށް ބޭރުގެ ބަޔަކަށް ވިއްކާލާ އަޑުއިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިތަނަކީ ދިވެހިރާއްޖެއަކީ ޖިއޮޕޮލިޓިކަލީ ވަރަށް މުހިންމު ތަނަކަށްވެފައި އޮތް ތަނެއް.މިހެން އޮތް އިރުގަ ރައީސް ޔާމީނު ދައުރުގަ ޗައިނާ ގެނެސް މިތަނަށް ވައްދައިގެން މުޅި އިންޑިއާ އޯޝަން ރީޖަންގަ ބޮޑެތި މައްސަލަތަކެއް ދިމާވެގެން މިދިޔައީ އަނެއްކާ މެދުއިރުމަތީގަ އޮތް މައްސަލަ ސަރުކާރުން ގެނެސް މިތަނަށް މިލަނީ އެއީ ފުރަތަމަ މައްސަލައަކީ މިކަމާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑުމެންނަކަށް ނޭނގެއޭ ސާފުކޮށް މިވާގޮތެއް. ބޯހިޔާވަހިކަމަށް ހިއްކިތަނެއް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅުގަނޑުމެންގެ އެއްޗެހި އޭގެ ސަބަބުން އަގުބޮޑުވެގެން ރައްޔިތުންނަށް އެތަށް ތަކުލީފަކަށް ވެގެން ހިއްކިތަން ކުއްލިއަކަށް ދެތިން ހަފްތާއެއްގެ ތެރޭގަ ވިއްކާލާ ވާހަކަ މިއިވެނީ. ސަރުކާރަށް އޭގެ ހިއްސާއެއް ލިބެނީއެއް ނޫން. ހިލޭދޭ ވާހަކަ މި އަޑު އިވެނީ.އެއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ވިސްނަން ޖެހޭ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ 99 އަހަރަށް އެ އޮންނަ އޮތުން އިތުރުވެގެންދާ ދިއުން. 99 އަހަރާ ހިސާބަށް ނިމިފައި އޮންނަ އެއްޗެއް ނަމަ، މީގައި އެއްވެސް މައްސަލައެއް ނެތް، މިހާރު ވެސް ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީގައި އެގޮތަށް ޖާގަ އެބަ ލިބޭ."

ފައްޔާޒު

މީގެ އިތުރުން ފައްޔާޒު ވަނީ ރަސްމާލެ މަޝްރޫޢުގައި ދިވެހިން ވިސްނަން ޖެހޭ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ގަބޫލުކުރެވެނީ ރަސްމާލެއިން ބިން މިލްކު ކުރުން 99 އަހަރަށް އެ އޮންނަ އޮތުން އިތުރުވެގެންދާ ދިއުން ކަމަށާއި، 99 އަހަރާ ހިސާބަށް ނިމިފައި އޮންނަ އެއްޗެއް ނަމަ، އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިހާރު ވެސް ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީގައި އެގޮތަށް ޖާގަ ލިބޭކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އޭގެ ބަދަލުގައި މުސްލިމު ސުންނީ ޖަމާއަތުގެ މުސްލިމުންނަށް ބިން އެތަނުން ވިއްކާ ސިޓިޒަންޝިޕް ދޭ ނަމަ ވެސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.