ރަސްމާލެއާ އަޅާކިޔަން އެންމެ އެކަށީގެންވާ ތަނަކީ ވެސް ވިޔަފާރިތައް ހިނގަމުންދާ އަދި ބްރިޖަކުން ގުޅާލަމުން އަންނަ ތިލަފުށި ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، މި ސަރުކާރުން ދާދިފަހުން އީގަލް ހިލްސްއާ އެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ރަސްމާލެއިން ދޭ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރު ކަމަށާއި، ސަރުކާރުން އެ ބިން ދޫކޮށްލަނީ އަގެއް ނެތް ގޮތަކަށް ކަމަށް ބުނެ "ދައުރު" ނޫހުގައި ޝާއިއުކުރި ރިޕޯޓަކަށް ރައްދު ދެއްވައި، ލިންކްޑްއިން އެކައުންޓުގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެ ލިޔުއްވުމުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އެންމެ އަގުބޮޑު އެސެޓަކީ ބިން ކަމަށް އެ ރިޕޯޓުގައި ބުނާ ވާހަކައަށް އެއްބަސްވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ރިޕޯޓުގައި ބިމުގެ އަގު ހަދާފައި ވަނީ ބިމުގެ އިގުތިސާދީ ހަގީގަތްތަކާ މުޅިން ޚިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަސްމާލޭ ބިމުން 24 ބިލިއަން ޑޮލަރުގެ އަގު ނެރެފައި ވަނީ މިހާރު ހުޅުމާލޭގެ ބިމުގެ އެވަރެޖް އަގު ކަމަށްވާ އަކަފޫޓަކަށް 7،500 ރުފިޔާ، އަލަށް ހިއްކާ ރަސްމާލޭގެ ހުރިހާ އަކަފޫޓަކަށް ގުނަކޮށްގެން ކަމަށާއި، މިއީ ހަގީގަތާ ޚިލާފު ހިސާބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަބަބެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ ހުޅުމާލެއަކީ 1997 ވަނަ އަހަރު ހިއްކަން ފަށައި، 2004 ވަނަ އަހަރު މީހުން އާބާދުވާން ފެށި ރަށެއް ކަމަށާއި، އާބާދީ 50،000 އިން މައްޗަށް އަރައި، ބިމުގެ އަގު މައްޗަށް ދިޔައީ 2018ގައި ސިނަމާލެ ބްރިޖުން ގުޅާލުމުން ވޭތުވެދިޔަ ދެ ދަހަރު ތެރޭގައި ސަރުކާރުން މަގުތަކާއި، ސްކޫލްތަކާއި، ސިއްހީ ޚިދުމަތްތަކާއި އަދި ޔުޓިލިޓީ ނެޓްވޯކްތަކަށް ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަސްމާލެއަކީ އަލަށް ހިއްކަމުންދާ ރަށެއް ކަމަށާއި، އެތަނުގައި ބްރިޖެއް، އަސާސީ ޚިދުމަތެއް، އަދި އިގުތިސާދީ އެއްވެސް ހަރަކާތެއް ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތަރައްގީވެ ނިމިފައިވާ ސިޓީއެއްގެ އަގު، އަދި ކިރިޔާ ހިއްކާ ބިމަކަށް ނުޖެހޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ރަސްމާލެއާ އަޅާކިޔަން އެންމެ އެކަށީގެންވާ ތަނަކީ ވެސް ވިޔަފާރިތައް ހިނގަމުންދާ އަދި ބްރިޖަކުން ގުޅާލަމުން އަންނަ ތިލަފުށި ކަމަށެވެ. ތިލަފުށިން ސިނާއީ ބިން ވިއްކާފައި ވަނީ އަކަފޫޓަކަށް ގާތްގަނޑަކަށް 1،750 ރުފިޔާގެ މަގުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އާބަން ޕްލޭނިންގެ ހަމަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސިޓީއެއް ތަރައްގީކުރާއިރު ހިއްކާ ހުރިހާ ބިމަކީ ވިއްކޭނެ ބިން ނޫން ކަމަށެވެ. ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު ބޯހިޔާވަހިކަމަށް 29.84 އިންސައްތަ، ވިޔަފާރިއާއި އޮފީސްތަކަށް 10.2 އިންސައްތަ، އަދި ސިނާއީ ބޭނުންތަކަށް 7.5 އިންސައްތަ ކަނޑައެޅުމުން، ވިއްކޭ ބިމުގެ ޖުމްލައަކީ ގާތްގަނޑަކަށް 48 އިންސައްތަ ކަމަށެވެ. ބާކީ ބަޔަކީ މަގުތަކާއި، ޕާކުތައް، ކުޅިވަރު މައިދާންތައް (29.4 އިންސައްތަ)، ސްކޫލްތަކާއި މިސްކިތްތައް (17.5 އިންސައްތަ)، އަދި ޔުޓިލިޓީ ޚިދުމަތްތައް (5.3 އިންސައްތަ) ފަދަ ޢާންމު ބޭނުންތަކަށް ޚާއްސަ ބިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އުސޫލުން ބަލާއިރު، ރަސްމާލޭގެ 500 ހެކްޓަރުން ވިއްކޭނީ ގާތްގަނޑަކަށް 239 ހެކްޓަރު (25.7 މިލިއަން އަކަފޫޓު) ގެ ބިމެވެ. ބިމެއް ވިއްކޭނީ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި މަގުތައް ހަދައި ޚިދުމަތްތައް ގާއިމުކޮށްގެން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 500 ހެކްޓަރުގެ ބިމެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރުމަށް އެންމެ ކުރީކޮޅުގައި ވެސް 1 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 ބިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށާއި، މިސާލަށް ގުޅީފަޅުން ހިއްކި 230 ހެކްޓަރުގެ ބިމުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރަން ބޭނުންވާ 400 މިލިއަން ޑޮލަރު ހޯދުމަކީ ވެސް ބޭރުން ލޯނު ނެގުމަށް ހުރި ދަތިތަކާ ހުރެ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މާލެއާ ގުޅާލެވިފައި ނެތް ރަސްމާލެއަކަށް 1 ބިލިއަން ޑޮލަރު ސަރުކާރުން އަމިއްލައަށް ހޯދުމަކީ މުސްތަހީލު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން އަމިއްލައަށް މި ބިން ތަރައްގީކޮށް ވިއްކި ނަމަވެސް، ނުކުންނަ ނަތީޖާ ތަފާތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރަސްމާލޭގެ ޖުމްލަ ބިން 500 ހެކްޓަރު (ގާތްގަނޑަކަށް 53.8 މިލިއަން އަކަފޫޓު) ވިއްކޭނެ ބިން (48%): ގާތްގަނޑަކަށް 25.7 މިލިއަން އަކަފޫޓު ވިއްކޭނެ އަގަކީ އަކަފޫޓަކަށް 1،750 ރުފިޔާ ކަމަށާއި 44.9 ބިލިއަން ރުފިޔާ(ގާތްގަނޑަކަށް 2.9 ބިލިއަން ޑޮލަރު) ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޚިދުމަތްތަކަށް ކެނޑޭ ޚަރަދަކީ 1 ބިލިއަން ޑޮލަރު ކަމަށާއި ސާފު ފައިދާއަކީ 1.5 ބިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މިއީ ހުރިހާ ބިމެއް މިއަދުގެ އަގުގައި އެއްވެސް ދަތިކަމެއް ނެތި ވިކި ހުސްވާނެ ކަމަށް ބަލައިގެން ނެރެވޭނެ އެންމެ މަތީ އަދަދު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއްވެސް ޚަރަދެއް ނުކޮށް ސަރުކާރަށް ރެވެނިއުގެ 10 އިންސައްތައިގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 3.1 ބިލިއަން ޑޮލަރަކީ، ސަރުކާރުން އަމިއްލައަށް ބިން ވިއްކައިގެން ލިބެން އޮތް ފައިދާއަށް ވުރެ ވެސް މާ ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ނޫހުގައި ޝާއިއު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތަށް 298 އަހަރުން ނޫނީ ބިމުގެ އަގު އަނބުރާ ނުލިބޭނެ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވާ މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ ބިމަށް އެއްފަހަރާ ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ބެލުމަކީ ކުށްހީއެއް ކަމަށާއި މާލެއާ އެއްގަމު މަގުން ގުޅާނުލެވި، އަދި ވަޒީފާގެ ފުރުސަތުތަކެއް ނެތި، 20 އަހަރު ދުވަހުގެ ތެރޭގައި ވެސް އެ ބިން އެއްކޮށް ވިކޭނެ ކަމަށް ނުބެލެވޭނެ ކަމަށެވެ.

ހިއްކުމުގެ ޚަރަދަށް ބަލާއިރު، މުޅި ރަސްމާލޭގެ 1،000 ހެކްޓަރު ހިއްކަން ހިނގާނީ ގިނަވެގެން 500 މިލިއަން ޑޮލަރު ކަމަށާއި، އީގަލް ހިލްސްއަށް ދޭ 500 ހެކްޓަރު ހިއްކުމުގެ އަގަކީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބިމުގެ އިގުތިސާދީ އަދި ތަރައްގީގެ އަސާސީ އުސޫލުތަކަށް ނުބަލައި، ބޮޑެތި އަދަދުތަކެއް ޖަހައިގެން ހެޑްލައިން ހެދި ނަމަވެސް، ބިމުގެ އަގަކީ ހަމައެކަނި ބޮޑުމިނާއި އަގު ގުނަކޮށްލުމުން ނުކުންނަ އަދަދެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހަގީގީ އިގުތިސާދުގައި ބިމަކުން ނަފާއެއް ލިބޭނީ އެ ބިމަކަށް އިންވެސްޓްކޮށް، ތަރައްގީކޮށްގެން ކަމަށެވެ.