ށ. ފީވަކުގައި މިހާރު އޮޕަރޭޓް ކުރަމުންދާ ނަރުދަމާ ނިޒާމު މަރާމާތްކުރުމުގެ މަޝްރޫޢު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފް އެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު މުޒްނާ އެވެ.
އެ މަޝްރޫޢުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 3,822,120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ.
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 (ފަސްދޮޅޮސް) ދުވަސް ތެރޭގައެވެ.