މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ.
އިންތިޚާބު މޮނިޓަރ ކުރުމުގެހުއްދަ ދެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށް ކަމަށާއި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްނަމަ އެ ފުރުސަތު ނުދެވޭނެ ކަމަށް އީސީން ބުނެއެވެ.
ެއީސީން ބުނީ މޮނިޓަރުންނަށް ވާން އެދޭ ފަރާތަކީ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވާން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް މޮނިޓަރަކަށް ނުވެވޭނެ ކަމަށާއި، އިންތިޚާބުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހަކަށްވެސް މޮނިޓަރަކަށް ނުވެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް މޮނިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މޮނިޓަރުންނަށް ވާން އެދޭ ފަރާތަކީ އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށް އީސީން ބުނެއެވެ. އެ ބައި-އިލެކްޝަނުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ.
ޑޭޓާ ލިއޭޒަންއަށް ކަނޑައަޅާ ފަރާތަށް މައި ޕޯޓަލްއިން މޮނިޓަރުންގެ ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން އެސް.އެމް.އެސް އެއް ޑޭޓާ ލިއޭޒަނަށް ލިބޭނެއެވެ. އަދި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މޮނިޓަރުންގެ މަޢުލޫމާތު ހުށަހަޅާނީ ޑޭޓާ ލިއޭޒަނެވެ.
މޮނިޓަރުންގެ މަޢުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މޮނިޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިޤުރާރުވުމަށް އެދި އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. މޮނިޓަރަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ މައި ޕޯޓަލްގެ ތެރެއިންނެވެ. މޮނިޓަރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން ކޮމިޝަނުން ޤަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.
މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުން ފެށިގެން، 2026 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް، މައި ޕޯޓަލް މެދުވެރިކޮށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީސީގެ ނަންބަރު 3004436 ނުވަތަ 3004483 އަށް ގުޅުމަށް އެ ކޮމިޝަނުން އެދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ 4 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ. އީސީން ވަނީ ނ. ކުޑަފަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށްވެސް ހުޅުވާލާފައެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ މަޤާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން އޭނާއަށް އެ ގޮނޑި ކާމިޔާބު ކުރެވިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ބައި އިލެކްޝަންގައި 10 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވާއިރު، އެއީ މާލޭގައި ބަހައްޓާ 5 ވޯޓު ފޮއްޓާއި ވަށަފަރުގައި ބަހައްޓާ ފޮއްޓާއި ތިނަދޫގައި ބަހައްޓާ ފޮށީގެ އިތުރުން އައްޑޫ ހުޅުދޫގައި ބަހައްޓާ 3 ވޯޓު ފޮއްޓެވެ.
މި ބައި-އިލެކްޝަންގައި 3،776 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ ވ. ތިނަދޫން 185 މީހުންނާއި ހއ. ވަށަފަރުން 688 މީހުން އަދި އައްޑޫ ހުޅުދޫން 2،903 މީހުންނެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އާ ހަމައަށެވެ.