އެމްޑީޕީ މި ވަގުތު މި ވަނީ ހަތަރުވަނަ ގޯޅީއެއްގެ ކަންމަތީގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ރަސްމާލޭގެ ބިމުން ބައެއް ބޭރުގެ އިންވެސްޓަރަކަށް ދޫކޮށްލަން ނިންމި ނިންމުމާ ގުޅިގެން، ޕާޓީގެ އިސް ސަފުގައްޔާއި ގައުމީ މަޖިލީހުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެކަމާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މިސްރާބު މިހާރު ހުރީ އެ ޕާޓީ އުފެދިގެން އައި އަސާސްތަކާއި ޑިމޮކްރެޓިކް ހަމަތަކާ މުޅިން ދުރަށް ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް ހުޅުވާލެވިފައިވާ އިގްތިސާދަކަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ، މިނިވަން އަދި ޑިމޮކްރެޓިކް އިސްލާހީ ފިކުރުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެހެން ނަމަވެސް ފަހަކަށް އައިސް ޕާޓީގެ ބައެއް ސިޔާސަތުތަކުންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ހަރުކަށި ގައުމީ ފިކުރާއި ބޭރުގެ ފަރާތްތަކާމެދު ނަފުރަތު އުފެއްދުމުގެ ރޫހެއް ކަމަށާއި، މިއީ އެ ޕާޓީގެ އަސްލު ފަލްސަފާއާއި ދުރު، ނުރައްކާތެރި މިސްރާބެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ގިނަ ބަޔަކަށް މިހާރު ވިސްނިފައިވަނީ އިންތިހާބީ ކާމިޔާބީއެއް ހޯދޭނީ އާންމުންގެ މެދުގައި ބިރުވެރިކަމާއި، ރުޅިވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށެވެ. އެގޮތުން މިއީ ވަގުތީ ސިޔާސީ މަންފާއަކަށްޓަކައި ބޭނުންކުރާ ނުރައްކާތެރި އުކުޅެއް ކަމަށާއި، މިފަދަ ޕޮޕިއުލިސްޓް ސިޔާސަތުތަކުގެ ސަބަބުން އެމްޑީޕީ ބިނާވެފައިވާ އަސާސީ ބިންގާ އެއްކޮށް ގުޑައިގެން ހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، މިފަދަ ހަރުކަށި ސިޔާސީ އުކުޅުތަކުގެ ސަބަބުން، ޒަމާނުއްސުރެ އެމްޑީޕީގެ އިސްލާހީ ފިކުރު ދަމަހައްޓައި، ޕާޓީއަށް އިހުލާސްތެރިކަމާއެކު ތާއީދުކުރަމުން އައި އާންމު މެންބަރުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ހައްދުފަހަނައަޅައި ގޮސް ގައުމިއްޔަތާއި ބޭރުގެ ފަރާތްތަކާމެދު ނަފުރަތު އުފެއްދުމަކީ ހަމައެކަނި ޕާޓީއަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމަށާއި އިގްތިސާދަށްވެސް ފޫނުބެއްދޭވަރުގެ ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއްކަަމަށް ވެސް ނަޝިދު ވިދާޅުވިއެވެ.
މި މައްސަލަ އެމްޑީޕީގެ ތެރޭގައި ހޫނުވެގެން ގޮސްފައިވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ ބިމުން 500 ހެކްޓަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި މަޝްރޫއާ މެދު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ގެންގުޅޭނެ ރަސްމީ ސްޓޭންޑެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕާޓީގެ ލީޑަޝިޕާއި މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައެވެ.