ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިހާބުކުރަންޖެހޭ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބުކުރަންޖެހެއެވެ.
އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލަރުން ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް ކުރިން އިންތިޚާބުވެފައެވެ.
އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދިޔައީ ރަށު ކައުންސިލަރުންގެ ފަރާތުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ދެ މެންބަރުން ހޮވުމަށެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށް މި އިންތިހާބުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި އިންތިޚާބުގައި ޖުމުލަ 19 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު، ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވެ އެވެ.
އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލުތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަހްމަދަށް 312 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ނ. މަނަދޫ ކައުންސިލުގެ ރައީސް ޢަލީ ޒާފިރަށް ލިބުނީ 229 ވޯޓެވެ.
އަދި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ށ. ފުނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ޒީނާއަށް 79 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާއަށް ލިބުނީ 53 ވޯޓެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ގާނޫނީ އިމުގެ ތެރޭގައި ކައުންސިލްތައް ހިންގުމަށް ބާރުއަޅައި ޖަވާބުދާރީ ކުރުވާ މައި އިދާރާއެވެ.
މި އިންތިހާބުގެ ނަތީޖާއާއެކު އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކާއި ޑަބްލިއުޑީސީތައް ތަމްސީލުކުރުމަށް ހޮވިވަޑައިގެންނެވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް މިހާރު ވަނީ ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައެވެ.