250 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭ މަޝްރޫޢެއް، ޕްރައިވެޓް ސެކްޓަރ ހިމެނޭގޮތަށް އަންނަ އަހަރު ފެށުމަށް، މަޖިލީހަށް ހުށައެޅި ބަޖެޓުގައި ކަނޑައަޅައިފައިވާ ކަމަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ހުށަހަޅުއްވާ ދެއްވަމުން ވަޒީރު ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަކީ، ރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ އެންމެ މުހިންމު ޒިންމާ ކަމަށެވެ.
އެ ގޮތުން، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުގެ ގިނަގުނަ ގޮންޖެހުންތަކާއެކު، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުނުވެ ތިބުމަކީ ފަރުޖައްސާލެވޭނެ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި އަމާޒަށް ވާސިލުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން އަހަރެއްގެ މައްޗަށް ތެޔޮ ގަންނަ މިންވަރުން، 100 މިލިއަނަށްވުރެ ގިނަ ލީޓަރު މަދު ކުރެވޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ދަށްކޮށް ތެޔޮ ގަތުމަށް ކުރާ ހަރަދާއި ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް އަންނަ ޝޮކްތަކާއި، ތިމާވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން، ގައުމުގެ އިގުތިސާދީ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންވެރިވުމަކީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގެ އެއް އަމާޒު ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މި ބަޖެޓުން އިތުރަށް ފުޅާކުރާކުރުމަކީ ވެސް އަންނަ އަހަރު ކުރުމަށް ނިންމާފައިވާ މުޙިއްމު ކަމެއް ކަމަށެވެ.